ހަރުމުދާ ބަދަލު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްއާ މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން ލިމިޓެޑާ ދެމެދު މިއަދު ސޮއިކޮށްފިއެވެ. މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ހ.މުނިއުފާ ވަނީ މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން ލިމިޓެޑުގެ ދަށަށް ބަދަލު ކުރެވިފައެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްރައްޒާޤު އިބްރާހިމް ވިދާޅުވީ މިއީ ކުޅިވަރުދާއިރާ ކުރި އެރުވުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއްކަމުގައެވެ. އަދި މުސްތަޤްބަލްގައި ކުޅިވަރު ދާއިރާ ކުރިއެރުވުމުގެ ގޮތުން މީގެ އެތައް އެއްބަސްވުންތަކުގައި ސޮއި ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ހ.މުނިއުފާ މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަންގެ މިލްކުވެރިކަމުގެ ދަށަށް ބަދަލުކުރެވުމާއެކު ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކައް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ އިމާރާތާ، އެސޯސިއޭޝަން ހިންގުމުގެ ވަސީލަތްތައް ނެތުމުގެ މައްސަލައަށް ހައްލެއް ލިބި، އިންޑޯރ އަދި އައުޓްޑޯރ ކުޅިވަރުތައް ކުޅުމަށް އެކަށިގެންވާ ސަރަހައްދެއް ލިބިގެން ދާނެއެވެ. އަދި މިއީ ޤައުމީ ކުޅިވަރު އެސޯސިއޭޝަންތައް ސަރުކާރުގެ ބަޖެޓަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމުގައިވެސް ކޯޕަރޭޝަނުން ބުނެއެވެ. މީގެ އިތުރުން ކޯޕަރޭޝަންގެ ރިސޯސް މޮބިލައިޒް ކުރުމުގެ ތެރެއިން ކުޅިވަރު ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް މަގުފަހިވެގެންދާނެއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްޤީކޮށް، އެދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުން މަތިކޮށްފައިވާ މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން އުފައްދާފައިވަނީ 2016 ވަނަ އަހަރުގެ މާރިޗު މަހުއެވެ. ސްޕޯރޓްސް ކޯޕަރޭޝަން އުފެދުނީއްސުރެ މިއަދާ ހަމަޔަށްވެސް އެ ކޯޕަރޭޝަނުން ގެންދަނީ ކުޅިވަރާ ގުޅޭ އެކިއެކި ކަންކަން ރާވާ ހިންގަމުންނެވެ. އެގޮތުން ’ކުޅިވަރު އިޖްލާސް’ގެ ނަމުގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާ ބައްދަލުކުރެވި، ރާއްޖޭގެ ކުޅިވަރު ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމުގެ ޙައްލުގެ މައްޗަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވެއެވެ. މީގެ އިތުރަށް ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާ ކުލަބު ޖަމްޢިއްޔާތަކުގައި ޙަރަކާތްތެރިވާ މެޑިކަލް އޮފިސަރުންނަކީ އެކަށޭނެ މަޢުލޫމާތާ، ހުނަރު ލިބިގެންވާ ބަޔަކަށް ހެދުމަށް ތަމްރީން ޕްރޮގްރާމެއްވެސް މި ދިޔަ ފެބުރުއަރީ މަހުގެތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަނުން މިހާރުވެސް އަންނަނީ ’އައި ލަވް ސްޕޯޓްސް‘ ގެ ނަމުގައި ރާއްޖޭގެ ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ޙާލަތު ދެނެގަތުމުގެ ޕްރޮގްރާމެއް ހިންގަމުންނެވެ. މި ޕްރޮގްރާމުގެ ތެރެއިން އެސޯސިއޭޝަންތަކަށް ޒިޔާރަތްކުރުމާ، އެސޯސިއޭޝަންތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކަންކަމަށް އޮތް ހައްލުތައް ދެނެގަނެ އެކުވެރި މާޙައުލެއް އެސޯސިއޭޝަންގެ މުވައްޒަފުންނާ ޤާއިމްކުރުން ހިމެނެއެވެ.