News

61 ރަށެއްގެ ޖިމް ސާމާނު ހޯދުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި ހަވާލުކޮށްފި!

61 ރަށެއްގެ ޖިމް ސާމާނު ހޯދުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި ހަވާލުކޮށްފި!

 

 

އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި ޤާއިމްކުރާ އައުޓްޑޯ ޖިމްގެ ސާމާނު ސަޕްލައިކޮށް ދިނުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި އިއްޔެ ބޭއްވި މިރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، މިނިސްޓްރ އަޙްމަދު މަޙްލޫފެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މަޢުރޫފް އަޙްމަދެވެ.

މިމަސައްކަތް 90 ދުވަހުގެ ތެރޭގައި ސްޕޯޓްސް ކޯޕަރޭޝަނުން ނިންމަން ހަވާލުކޮށްފައިވާއިރު، މި މަސައްކަތަށް ގާތްގަޑަކަށް 9 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި ޖިމްތަކުގެ އެންމެހައި މަސައްކަތްތައް ފުރިހަމަކޮށް ނިމޭއިރު އިތުރު 20 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބެލެވޭ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތު ކަމުގައިވާ ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް މި މަސައްކަތުގެ ސަބަބުން ބޮޑު ފަސޭހައެއްވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މިހާތަނަށް 60 ރަށެއްގައި ސްޕޯޓްސް ކައުންސިލަރުން އެބަތިބިކަމާއި އިތުރު 100 ރަށެއްގައި ކައުންސިލަރުން ހޮވުމެގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑީ، މަޢުރޫފު ވިދާޅުވީ މިއަދަކީ ސްޕޯޓްސް ކޯޕަރޭޝަންގެ ތާރީޚުގައިވެސް ޚާއްސަ ދުވަހެއް ކަމަށާއި، އަދި ކުންފުނި އުފެދިގެން އައިސް މިވެވުނު އެއްބަސްވުމަކީ ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދެވޭ ފުރަތަމަ އެއްބަސްވުންކަން ފާހަގަ ކުރެއްވިއެވެ. އަދި ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން ދޭކަމަށާއި ކުންފުނީގެ އެންމެ ބޮޑު ފޯކަސްއަކީ ކުރިއަށްއޮތް  އައިއޯޖީގެ މުބާރާތްތަކުގެ އިންފްރާސްޓްރަކްޗަރ ބިނާކުރުމަށްޓަކައި ސަރުކާރާއި ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވިއެވެ.