News

ކުޅިވަރު އިޖްލާސް 2016 ރިޕޯޓް ނެރުން

ކުޅިވަރު އިޖްލާސް 2016 ރިޕޯޓް ނެރުން

2016 ސެޕްޓެންބަރު 24 ވަނަ ދުވަހު މި ކުންފުންޏާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ގުޅިގެން ޕެރަޑައިސް އައިލެންޑް ރިޒޯޓުގައި ބޭއްވި ކުޅިވަރު އިޖްލާސް 2016 އަކީ އަހަރުތަކަތަށް ފަހު، ދިވެހި ކުޅިވަރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކުޅިވަރުގެ އިސް ޙަރަކާތްތެރިންނާއި ފަންނީ ބޭފުޅުންނާއެކު ބޭއްވުނު ކާމިޔާބު އިޖްލާސްއެކެވެ. ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިގެން ހިންގާ 22 ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން 16 ކުޅިވަރު އެސޯސިއޭޝަންގެ ފުރިހަމަ ބައިވެރިވުމާއެކު ކުރިއަށް ގެންދެވުނު މި އިޖްލާސްގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ކުޅިވަރު ދައިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އެކަށޭނެ ޙައްލުތަކެއް އެކަށައަޅާ، ކުޅިވަރުގެ ޙަރަކާތްތެރިންގެ ތަޖުރިބާތައް ދެނެގަނެ، އެކަންކަމުގެ ތެރެއިން ކުރިމަގު ބައްޓަންކުރަންވީގޮތުގެ ތަޞައްވުރެއް އެކުލަވާލުން ހިމެނެއެވެ.

ކުޅިވަރު އިޖްލާސް 2016 ގެތެރެއިން ދެނެގަނެވުނު މި ބައިތަކާއި ޖުމްލަކޮށް ކުޅިވަރު އިޖްލާސް ކުރިއަށް ދިޔަ ގޮތުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ކުޅިވަރު އިޖްލާސް 2016 ރިޕޯޓު ނެރެފައިވަނީ 2016 ޑިސެންބަރު 04 ވަނަ ވަނަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތަކަށްފަހުއެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުގައި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އޮނަރަބަލް އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރަށް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި، މަންދޫބުގެ އިތުރުން ދަޢުވަތު އެރުވިފައިވާ އެހެނިހެން ފާރާތްތަކުގެ ބައިވެރިވުން މި ރަސްމިއްޔާތަށް ލިބިގެންގޮސްފައިވެއެވެ.

މި ކުންފުނިން ޤަބޫލުކުރާގޮތުގައި ކުޅިވަރު އިޖްލާސް 2016 ގެ ނަމުގައި ބޭއްވުނު ކުޅިވަރު އިޖްލާސަކީ މަޤުޞަދަށް ވާސިލުވެވުނު، ކާމިޔާބު ޙަރަކާތެކެވެ. މި އިޖްލާސްގެ ތެރެއިން ކުޅިވަރު އެސޯސިއޭޝަންތަކާއި މި ކުންފުންޏާއި މެދު އޮންނަ ގުޅުން ރަނގަޅުވެ، ކުޅިވަރުގެ ޤާނޫނުން މި ކުންފުންނާއި މަތިކޮށްފައިވާ ޤާނޫނީ ޒިންމާތައް އަދާކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ފުރުޞަތުގައި ކާމިޔާބު ޙަރަކާތެއްގެ ގޮތުގައި ކުޅިވަރު އިޖްލާސް 2016 ކުރިއަށް ގެންދިއުމަށްޓަކައި މި ކުންފުންޏަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވި އެންމެހާ މުއައްސަސަކާއި، އެސޯސިއޭޝަންތަކާއި އެހެނިހެން ފަރާތްތަކަށް މި ކުންފުނީގެ ނަމުގައި ނުހަނު އިޙްލާސްތެރި ޝުކުރެއް ރައްދުކުރަމެވެ. މި ކުންފުނީގެ އުންމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައި ކުޅިވަރު އިޖްލާސް ފަދަ ކާމިޔާބު ޙަރަކާތްތައް ކުރިއަށް ގެންދިއުމެވެ.