News

ކޮމިއުނިޓީ ފިޓްނަސް ލީޑާރސް ތަމްރީނުކުރުމަށް ތައްޔާރުވެއްޖެ!

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ފިޓްނެސް ލީޑާރސް ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް  ތައްޔާރުވެއްޖެއެވެ. މިޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 16 އިން 20 ވަނަ ދުވަހާ ހަމައަށެވެ. މިޙަރަކާތަކީ 15 ގަޑިއިރުގެ ކިޔެވުމާއި ޢަމަލީ ތަޖުރިބާ ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ފަރުމާކުރުމުގައި ކަމާގުޅުން ހުރި ތަޖުރިބާކާރުންގެ ލަފަޔާއި އަދި އެހެނިހެން ޤައުމުތަކުގައި މިފަދަ ޕްރޮގްރާމްތައް ހިންގަމުންދާ ގޮތަށްވެސް ބެލިފައިވާނެއެވެ.

މިޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ކަމާގުޅުން ހުރި ފުރިހަމަ ހުނަރާއި މަޢުލޫމާތު ލިބިފައިވާ ކަމަށް ޤާބިލް ފިޓްނަސް އިންސްޓްރަކްޓަރުން ތަމްރީނުކުރުމާއި މުޖުތަމަޢުގައި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާނޭ އެކިއެކި ހުނަރުތައް ކުރިއެރުވުމާއި އެފަދަ ހުނަރުތައް ތަރައްޤީކުރުމެވެ.

މިޕްރޮގްރާމްގެ ވަޒަންކުރުމުގައި ލިޔުމުގެ އިމްތިޙާނަކާއި ޢަމަލީ އިމްތިޙާނެއް ހިމެނޭނެއެވެ. މި އިމްތިޙާނުތައް ދެވޭނީ ޕްރޮގްރާމްގައި %100 ޙާޒިރުވާ ފަރާތްތަކަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 11 ވާ އަންގާރަ ދުވަހެވެ. ގިނަވެގެން 30 ބައިވެރިންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ މިޕްރޮގްރާމްގެ ބައިވެރިވުމުގެ ފީއަކީ -/1000 (އެއްހާސް) ރުފިޔާއެވެ.