ކުޅިވަރާއި ކަސްރަތުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭ ފަރާތްތަކަށް މި ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ހިންގޭ ”ލެޓްސް ޕްލޭ“ ކެމްޕެއިންގެ ދަށުން، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑުން އިސްނަގައިގެން ”މައިލްސް ފޯރ ސްމައިލްސް“ ގެ ނަމުގައި 24 ގަޑިއިރަށް ދެމިގެންދާ ދުވުމެށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދުވުން ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ 2017 ޑިސެމްބަރ 31 ވަނަ ދުވަހުގެ ހަވީރު 04:00 އިން 2018 ޖަނަވަރީ 01 ވަނަ ދުވަހުގެ ހަވީރު 16:00 އަށް މާލޭ ކުޅިވަރު އެކުވެނި ދުވާ ޓްރެކްގައެވެ. މި ދުވުމުގެ މަޤްސަދަކީ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، މުޖުތަމައުގައި ކުޅިވަރު ކުޅުމުގެ ފުރުސަތު ހަމަހަމަ ކަމާއި އެކު ހޯދާދެވިފައި ނުވާ ފަރާތަށް ޝާމިލް ވާނެގޮތަށް ކުޅިވަރު ހަރަކާތްތައް ހިންގާ ފަރާތްތަކަށް ފަންނީ ގޮތުން އެހީތެރިކަން ހޯދައިދިނުމެވެ.
މި ހަރަކާތުގައި 24 ގަޑިއިރު ދުވުމަށް ހަމަޖެހިފައިވަނީ އިބްރާހިމް ސާއިދް އަލީއެވެ. ސާއިދަކީ ދިގު ދުވުންތައް ދުވުމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ މަޝްހޫރު ދުވުން ތެރިއެކެވެ. މި ދުވުމުގައި ސާއިދަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުގެ މުއައްސަސާތަށް، ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު އެކަޑަމީތަކާއި އެން.ޖީއޯސް ތައް ވެސް ފީ ދެއްކުމަށް ފަހު ވަކި ގަޑި ތަކަކަށް ބަހާލެވިގެން ދުވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ދުވުމުގައި އަމިއްލަ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ފީ އެއްގެ ގޮތުގައި ނެގުމަށް ހަމޖެހިފައިވަނީ ބޮޑު މީހަކަށް -/60 އަދި ކުޑަ ކުއްޖަކަށް -/20 އެވެ.
މި ހަރަކާތް ކުރިއަށް ދިއުމަށް ހަމަޖެހިފައިވާ ވަގުތު، މީޑިއާއިން 24 ގަޑިއިރު ކަވަރކުރުމާއި، އޮންލައިން އޮކްޝަން އަދި ދުވާ ޓްރެކް ސަރަހައްދުގައި އެކި ކަހަލަ ސްޓޯލް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ހަރަކާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ސްޕޮންސްރ ކެޓަގަރީ ތަކުގެ ތެރޭގައި؛- ޓްއިޓަލް ސްޕޮންސަރ ، މީޑިއާ ޕާޓްނަރ އަދި ބެވަރޭޖް ސްޕޮންސަރ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.