މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން މެލޭޝިއާގެ ޑޮޖްބޯލް ފެޑެރޭޝަނާއި ގުޅިގެން ޤައުމީފެންވަރުގައި ޑޮޖްބޯލް ތައާރަފް ކުރުމުގެ ގޮތުން މި މަހުގެ 29-30 އަށް ޓްރެއިނިންއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޓްރެއިނިންގެ ޕްރެކްޓިކަލް އަދި ތިއަރީ ސެޝަންތަށް ކުރިއަށް ގެންގޮސްފައިވަނީ އެމް.ސީ.އެސް.ސީ އިންޑޯ ހޯލް ގައެވެ. މި ޓެރެއިނިންގ ޚާއްސަ ކުރެވިފައިވަނީ ސަރުކާރުގެ ކުންފުނި ތަކަށެވެ.
މި ޓްރެއިނިންގ ޕްރޮގްރާމްގެ މަޤްސަދަކީ ރާއްޖެއަށް ޑޮޖްބޯލް ތައާރަފްކުރުމުގެ ގޮތުން، ސަރުކާރު ކުންފުނިތަކުގެ މެދުގައި ޑޮޖްބޯލް ޓީމްތަކެއް ފުރަތަމަ އުފެއްދުމެވެ. މިޓްރެއިނިންގ ހިންގުމަށްޓަކައި މެލޭޝިއާގެ ޑޮޖްބޯލް ފެޑެރޭޝަނުން ތަޖްރިބާކާރު ކޯޗުންނާއި، ކުޅުންތެރިން ހިމެނޭ ޓީމެއް މި މަހުގެ 28 ވަނަ ދުވަހުގެ ރޭގަނޑު ވަނީ ރާއްޖެ އައިސްފައެވެ.
މި ޓްރެއިނިންގއަށް ސަރުކާރުގެ ގިނަ ކުންފުނި ތަކުންވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް މިޓްރެއިނިންގގެ ޖާގައަށްބަލައި ބައިވެރިވުމަށް ފުރުސަތު ދެވިފައިވަނީ ކަނޑައެޅުނު އުސޫލެއްގެ ދަށުން ޓީމެއްގައި 6 ކުޅުންތެރިން ހިމެނޭގޮތަށް 6 ޓީމަށެވެ. އެއީ 2 އަންހެން ޓީމާއި 4 ފިރިހެން ޓީމެވެ.
ޑޮޖްބޯލް ޓްރެއިނިންގ ނިމްނި ހުރިހާ ބައިވެރިންނަށް މެލޭޝިއަން ޑޮޖްބޯލް ފެޑެރޭޝަންގެ ފަރާތުން ސެޓިފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ޓްރެއިނިންގައި ބައިވެރިކަމުގެ ސެޓިފިކެޓް ދިނުމަށްވަނީ ހަމަޖެހިފައެވެ. ދުނިޔޭގެ 65 ގައުމެއްގައި ޕްރޮފެޝަނަލީ ކުޅޭ ޑޮޖްބޯލް އަކީ ދިވެހިން ކުޅެމުން އަންނަ ފައިގަތަލާ އާއި ވަރަށް އެއްގޮތް ކުޅިވަރެކެވެ.