News

ފުރަތަމަ ފަހަރަށް ޑޮޖްބޯލް ކޯޗުން ތަމްރީނު ކޮށްފި

ފުރަތަމަ ފަހަރަށް ޑޮޖްބޯލް ކޯޗުން ތަމްރީނު ކޮށްފި

ރާއްޖޭގައި ޤައުމީ ފެންވަރެއްގައި 2017 ވަނަ އަހަރު ތަޢާރަފް ކުރެވުނު ޑޮޖްބޯލް އިތުރަށް ކުރިއެރުވުމުގެ ގޮތުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި މެލޭޝިއަން ޑޮޖްބޯލް ފެޑެރޭޝަން ގުޅިގެން 2 ދުވަހުގެ ޑޮޖްބޯލް ކޯޗިންގ ކޯހެއް މެލޭޝިއާގައި ކުރިއަށް ގެންގޮސްފިއެވެ. މިކޯހަކީ މެލޭޝިއަން ފެޑެރޭޝަނުން ޤަބޫލުކުރާ ލެވެލް 1 ގެ ކޯހެކެވެ. މިކޯހުގައި ބައިވެރިވުމަށް ހުޅުވާލެވުނު ފުރުސަތުގައި ދިވެހި ރާއްޖެއިން 7 ފަރާތަކުންވަނީ މުޅިން އަލަށް މިކޯސް ފުރިހަމަކޮށްފައެވެ. މިކޯށް ކުރިއަށް ގެންގޮސްފައިވަނީ މިފެބްރުއަރީ މަހުގެ 10 އަދި 11 ގައި މެލޭޝިއާގެ ޝާހް ޢަލަމްގެ ކޮމްޕްލެކްސް ސުކަން ނެގާރާގައެވެ.

ތިއަރީއާއި ޕްރެކްޓިކަލް އިމްތިޙާނަކާއެކު ކުރިއަށް ގެންދެވުނު މިކޯހުގައި ދިވެހި ރާއްޖެއިން ބައިވެރިވި 7 ފަރާތުންވެސް ވަނީ ކޯސް ނިންމާ ސެޓްފިކެޓް ޙާސިލްކޮށްފައެވެ. މިކޯހުގެ ބައިވެރިންވަނީ މެލެޝިއާގެ ޑެޕިއުޓީ ޓުވަރިޒަމް މިނިސްޓަރ އަދި މެލޭޝިއާ ޑޮޖްބޯލް ފެޑެރޭޝަންގެ ރައީސާއާއި ބައްދަލު ކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގައި ޑޮޖްބޯލް އިތުރަށް ކުރިއަރުވާ ތަރައްޤީކުރުމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ޑޮޖްބޯލްއަކީ މިއަދުގެ ދުނިޔޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރެކެވެ. އަދި މިކުޅިވަރު ޤައުމީ ފެންވަރުގައި ތަރައްޤީކުރުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން މެލޭޝިއާގެ ޑްޖްބޯލް ފެޑެރޭޝަނާއެކު ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.