News

ފޭދޫ އަތުން މާޒިޔާ އަށް އުނދަގޫ މޮޅެއް

ފޭދޫ އަތުން މާޒިޔާ އަށް އުނދަގޫ މޮޅެއް

ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް ބީގެ ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން މިރޭ ސ. ފޭދޫ އަތުން 2-1 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން މުބާރާތުގައި ވާދަކުރާ ފޭދޫގެ ގިނަ ސަޕޯޓަރުން ވަނީ މިރޭ ދަނޑަށް ވަދެފަ އެވެ.

މިރޭގެ މެޗު ފަށައިގެން ފޭދޫ ޓީމުން ފަހަތަށް ޖެހިގެން ކުޅުނުއިރު މާޒިޔާ އިން ވަނީ މެދުތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތްކޮށްފަ އެވެ. އެ ޓީމުން ފުރަތަމަ ހަމަލާ އުފެއްދީ މެޗުގެ 10 ވަނަ މިނިޓްގަ އެވެ. އަލީ އަޝްފާގު (ދަގަނޑޭ) ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ނަގައިދިން ހުރަސް އެއްވެސް ކުޅުންތެރިއަކަށް ލިބޭގޮތެއް ނުވި އެވެ.

އޭގެ ފަހުން ފޭދޫ ޓީމުން ކައުންޓަ އެޓޭކުގައި ފުރުސަތު ތަނަވަސްކުރަން މަސައްކަތްކުރި އެވެ. އެކަމަކު އެ ޓީމުގެ ކުރިއަށް ކުޅޭ އިބްރާހިމް މަހުދީ (އިއްބެ) އެކަނި ކުރީގައި ކުޅެން ޖެހުމުން މި ހާފުގައި އޭނާގެ ބޭނުން އެ ޓީމަށް އެންމެ ރަނގަޅަށް ހިފޭގޮތެއްނުވި އެވެ.
މާޒިޔާގެ ދަގަނޑޭ (މ) ފޭދޫ ދެ ކުޅުންތެރިއަކު ކައިރިން ބޯޅަ ފޮނުވާލަން މަސައްކަތްކުރަނީ.– ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަސްޕެންޝަނުގެ ސަބަބުން މުހައްމަދު އުމެއިރު ނުލާ ކުޅުނު މި މެޗުގައި މާޒިޔާ އިން ލީޑުނެގީ މެޗުގެ 24 ވަނަ މިނިޓްގައި ކެޕްޓަން އަސަދުﷲ އަބްދުﷲ ޖެހި ލަނޑުންނެވެ. އޭރިއާ ބޭރުން އަސަދުﷲ އަށް ލިބުނު ބޯޅަ އޭނާ ވަނީ ފޭދޫގެ ބިދޭސީ ކީޕަރު އޮމާރް ސީސޭ ބޯމަތިން ގޯލުގެ މަތީ ކަނަށް އޮއްސާލައިފަ އެވެ.

މެޗުގެ 34 ވަނަ މިނިޓްގައި ފޭދޫ ހާފް ތެރެއިން އެ ޓީމުގެ ކެޕްޓަން އަހުމަދު ސައީދު (އައްމަޓީ) އަތުން ގެއްލުނު ބޯޅައެއް ހޯދުމަށް ފަހު ދަގަނޑޭ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ މިނިޓެއް ފަހުން އަސަދުﷲ ދިން ބޯޅައެއް އޭރިއާ ތެރެއިން ދަގަނޑޭ ފޮނުވާލި ނަަމަވެސް ކީޕަރު ސީސޭ ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފްގައި ފޭދޫ ޓީމުން މާޒިޔާ ގޯލަށް އަމާޒުކޮށް ފޮނުވާލީ އެންމެ ހަމަލާއެކެވެ. މެޗުގެ 43 ވަނަ މިނިޓްގައި މާޒިޔާ އޭރިއާ ތެރެއިން ފޭދޫގެ ބިދޭސީ މިޑްފީލްޑަރު ނެލްސަން ބުހާނޭ ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު އިމްރާން މުހައްމަދު ވަނީ ފަސޭހަކަމާ އެކު މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގައި މާޒިޔާ އިން ނުކުތީ އަހުމަދު ނާޝިދު (ނާއްޓޭ)ގެ ބަދަލުގައި އިސްމާއިލް އީސާ ކުޅެން އަރުވައިގެންނެވެ.

މި ހާފްގައި ފޭދޫ އިން ފެށީ ވަރަށް ރަނގަޅު ކުޅުމަކާ އެކު އެވެ. ފޭދޫ ޓީމުގެ ގިނަ ކުޅުންތެރިން އެޓޭކްގައި ބައިވެރިވާން ފެށުމުން މާޒިޔާ ކުޅުންތެރިން ފަހަތަށް ޖެހިގެން ކުޅެން މަޖުބޫރުވި އެވެ. އެހެން ނަމަވެސް އެޓޭކްތަކުގައި ބޭނުން ފޭދޫ ޓީމަށް ނުހިފި އޮއްވައި މާޒިޔާ އިން ކައުންޓަ އެޓޭކުގައި ދެ ވަނަ ލަނޑެއް ޖެހި އެވެ.

މެޗުގެ 51 ވަނަ މިނިޓްގައި މާޒިޔާގެ ދެ ވަނަ ލަނޑު ވެސް ޖެހީ އަސަދުﷲ އެވެ. ފޭދޫ ހާފްގެ ތެރެއިން ދަގަނޑޭ ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އަސަދުﷲ މި ލަނޑު ޖެހީ ފޭދޫގެ ޑިފެންޑަރަކު ކައިރިން ނައްޓާލުމަށް ފަހު އެވެ.
ފޭދޫ ޓީމުގެ ލަނޑު ޖަހައިދިން އިއްބެ: މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި.– ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާގެ ލަނޑަށް ފަހު ފޭދޫ އިން އަނެއްކާ ވެސް ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. ފޭދޫ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 61 ވަނަ މިނިޓްގައި ކާމިޔާބުކުރީ އިއްބެ އެވެ. އިއްބެ މި ލަނޑު ޖެހީ އޭރިއާ ތެރެއިން މާޒިޔާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ކައިރިން ނައްޓާލުމަށް ފަހު އެވެ.

މި ހާފްގެ ފަހު 20 މިނިޓް ތެރޭ މާޒިޔާ އިން ލަނޑު ޖަހަން އިތުރު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ތިން ވަނަ ލަނޑެއް ޖެހޭ ގޮތެއްނުވި އެވެ. އެގޮތުން ދަގަނޑޭ ފޮނުވާލި އެއް ބޯޅަ ކީޕަރު ސީސޭ މަތަކުރިއިރު، އޭނާ ބޮލުން ޖެހި ބޯޅަ ދިޔައި ދަނޑިކައިރިން ބޭރުންނެވެ.

މާޒިޔާގެ ފަރާތުން މިރޭގެ މެޗުގައި ޖުމްލަ ގޮތަކަށް ބަލާއިރު އެންމެ ރަނގަޅު ކުޅުމެއް ނުފެނެ އެވެ. ޓީމުގެ މެދުތެރެއިން ބައެއް ބޯޅަތައް ގެއްލުނުއިރު، ލަނޑު ޖަހާނެ މާ ހުސް ފުރުސަތުތަކެއް ވެސް ތަނަވަސްނުކުރެވެ އެވެ.

ފޭދޫ ޓީމު މި މުބާރާތުގައި މުޅިން އަލަށް ކުޅުނު ނަމަވެސް އެ ޓީމުގައި ވެސް ފުރަތަމަ ޑިވިޝަންގައި ކުރިން ކުޅެފައިވާ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ގައުމީ ޓީމާއި ނިއު އަދި ވިކްޓަރީގެ ކުރީގެ ޑިފެންޑަރު އައްމަޓީ އާއި ކުރިން އައިއެފްސީ އާއި ވެލެންސިއާ އަށް ކުޅުނު އަހުމަދު ޝާފިއު (ޝާޓީ) އާއި އަލީ ޝަރީރު (ޕީޓާ) އަދި މާޒިޔާގެ ކުރީގެ ޑިފެންޑަރު ހުސެއިން ލަތީފް (ކާލޯސް) ހިމެނެ އެވެ. އައްމަޓީ، ޝާޓީ އަދި ކާލޯސް ފުރަތަމަ އެގާރައިގައި ކުޅުނުއިރު ޕީޓާ އިނީ ބެންޗުގަ އެވެ.

މި މުބާރާތުގެ މެޗުތައް ދެން އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. ފުރަތަމަ މެޗުގައި އެ ދުވަހު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ މިއަދު ނިއު ރޭޑިއަންޓް އަތުން މޮޅުވި އީގަލްސްއާ ދެކޮޅަށެވެ. އެރޭ ކުޅޭ މެޗުގައި ފޭދޫ ކުޅޭނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ.