News

ކޮމަންވެލްތުން ވަކިވުމުން އެތުލީޓުން މާޔޫސްވެފައި

ކޮމަންވެލްތުން ވަކިވުމުން އެތުލީޓުން މާޔޫސްވެފައި

ކޮމަންވެލްތުން ވަކިވާން ދިވެހި ސަރުކާރުން ނިންމައި އޭގެ ސަބަބުން ކޮމަންވެލްތު ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެ އަށް ގެއްލުމާ އެކު އެންމެ ބޮޑު މާޔޫސްކަމެއް ލިބިފައިވަނީ ދިވެހި އެތުލީޓުންނަށެވެ.

ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އަންނަ ކޮމަންވެލްތު ގޭމްސް އަދި ކޮމަންވެލްތު ޔޫތު ގޭމްސްއަކީ ރާއްޖޭގެ އެތުލީޓުން ދުނިޔޭގެ ފެންވަރުގެ އެތުލީޓުންނާ ވާދަކޮށްލަން ލިބޭ ރަނުގެ ފުުރުސަތެކެވެ. އަދި އެ ދެ ގޭމްސްއާ އެކު ލިބޭ ތަމްރީން ފުރުސަތުތަކުގެ ބޭނުން އެތުލީޓުންނަށް ނުހަނު ބޮޑެވެ. އެ ފުރުސަތުތައް ގެއްލުމާ އެކު އެތުލީޓުންނަށް ވަނީ މާޔޫސްކަން ލިބިފަ އެވެ.

ރާއްޖޭގެ އެއް ވަނަ ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދު ބުނީ ކޮމަންވެލްތް ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމަކީ ވަރަށް ހިތާމަވެރި ހަބަރެއް ކަމަށާއި އޭގެ ސަބަބުން ކުޅިވަރަށް ހާއްސަކޮށް ދެން އަންނަން ތިބި ޖީލުގެ އެތުލީޓުންނަށް އަސަރުކުރާނެ ކަމަށެވެ.

”އޭޝިއަން ގޭމްސް އަށް ވުރެ ރާއްޖެ އަށް ފައިދާ ބޮޑީ ކޮމަންވެލްތު ގޭމްސް އިން. އޭޝިއާ އަށް ބަލާއިރު ޗައިނާ އާއި ޖަޕާން ފަދަ ގައުމުތައް (ބެޑްމިންޓަންގައި) މާ ވަރުގަދަ. އެކަމަކު ކޮމަންވެލްތު ގޭމްސްގައި ދުނިޔޭގެ އެކި ހިސާބުތަކުން އެކި ފެންވަރުގެ ގައުމުތައް ވާދަކުރޭ. އޭގެ ސަބަބުން ވާދަވެރި މެޗުތައް ކުޅެން ލިބޭ އަދި ރަނގަޅު ނަތީޖާ ހޯދުމުގެ ފުރުސަތު އޮވޭ. ހަގީގަތުގައި މާ ކޮމްޕެޓިޓިވްކޮށް ކުޅެލެވޭ ކޮމަންވެލްތު ގޭމްސްގައި،“ އަޖުފާން ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގެ ކުޅުންތެރިންނަށް ބޭނުންވާ ތަޖުރިބާ އާއި ވާދަވެރި މެޗުތައް ގެއްލުމުގެ އިތުރުން ތަމްރީނުގެ ގިނަ ފުރުސަތުތަކެއް ވެސް ގެއްލިގެންދާ ކަމަށާއި ޖުމްލަކޮށް ރާއްޖެއަށް ގެއްލިގެން ދަނީ ކުޅިވަރުގެ މުހިއްމު ޕްލެޓްފޯމެއް ކަމަށެވެ.

”އަޅުގަނޑު އުއްމީދުކުރަން ނިންމުން ބަދަލުވާނެ ކަމަށް،“ އަޖުފާން ބުންޏެވެ.
ސައުތު އޭޝިއަން ގޭމްސްގެ މެޗެއްގެ ތެރެއިން ބެޑްމިންޓަން ކުޅުންތެރިއާ އަޖުފާން. — ފޮޓޯ: އިމޭޖަސް.އެމްވީ

ނަން ހާމަކުރަން އުޒުރުވެރިވަމުން ރާއްޖޭގެ ސީނިއާ ދުވުންތެރިއަކު ބުނީ އޮލިމްޕިކްސްގައި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ އެތުލީޓުންނާ ވާދަކުރުމުގެ ފުރުސަތު ރާއްޖެ އަށް ނެތްއިރު ކޮމަންވެލްތު ގޭމްސް އަކީ ރާއްޖެ ފަދަ ގައުމުތަކަށް ”އޮލިމްޕިކްސް“ ކަމަށެވެ.

”ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ ދެ ވަނަ ފަންތީގެ ގޭމްސްއެއް. މި ގޭމްސްގައި އެބަ ވާދަކުރޭ އެފްރިކާ އާއި އޭޝިއާ އަދި ޔޫރަޕުގެ އެތުލީޓުން. އެހެންކަމުން އެ ލިބެނީ ވަރަށް ރަނގަޅު ފުރުސަތެއް ތަޖުރިބާ ހޯދައި އަދި ދުނިޔޭގެ ފެންވަރުގެ އެތުލީޓުންނާ ވާދަކޮށްލަން. އެ ގޭމްސްގައި ލިބޭ ތަޖުުރިބާތަކާ އެކު އަޅުގަނޑުމެންނަށް ރީޖަނަލް ގޭމްސްގައި ރަނގަޅު ކާމިޔާބެއް ހޯދަން ފަސޭހަވޭ،“ އޭނާ ބުންޏެވެ. ”އެކަމަކު އެ ފުރުސަތު މިވަނީ ގެއްލިފައި.“

ރާއްޖޭގެ އުއްމީދީ ޗެސް ކުޅުންތެރިއާ ނިހާ އަހުމަދު ބުނީ ރާއްޖެ އަށް ގެއްލެނީ ހަމައެކަނި ކޮމަންވެލްތު ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު އެކަނި ނޫން ކަމަށާއި ތަމްރީން ސްކޮލަޝިޕްތައް ގެއްލުން އެއްކިބައިގައި އޮއްވާ، ކޮމަންވެލްތު ގައުމުތަކުގެ މެދުގައި ބާއްވާ އިންޑިވިޖުއަލް ކުޅިވަރު މުބާރާތްތަކުގައި ވެސް ވާދަކުރުމުގެ ފުރުސަތު ދެން ނުލިބޭނެ ކަމަށެވެ.

”އެ މުބާރާތްތަކުގައި ވާދަކުރަން ތައްޔާރުވަމުން އަންނަތާ އެތައް ދުވަހެއްވެފައިވާ މުބާރާތްތަކުން ފުރުސަތު ގެއްލިގެންދޭ،“ އޭގެ ސަބަބުން މޯޓިވޭޝަނަށް އަސަރުކުރާނެކަން ފާހަގަކޮށް ޒުވާން ކުޅުންތެރިޔާ ނިހާ ބުނެފައިވެ އެވެ.
އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މަރުޒޫގު (މ) އުއްމީދީ ޗެސް ކުޅުންތެރިއާ ނިހާ (ކ) އާ އެކު ޗެސް މެޗެއްގައި ބައިވެރިވަނީ. –ފޮޓޯ: އިބްރާހިމް ފާއިދު

ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ މި ޖަމާއާތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރުން އެއް ބާއްވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. އަށާރަ ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި ހަތަރު ހާހެއްހާ އެތުލީޓުން ބައިވެރިވެ އެވެ.

އޮލިމްޕިކްސް އަށް ފަހު ކޮމަންވެލްތު ގޭމްސްގެ ނިޔަލަށް އޮންނަ ދެ އަހަރު އެތުލީޓުން ތަމްރީންކުރުމަށް ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުން ގިނަ އެހީތަކެއް ދެ އެވެ. ރާއްޖެ އަށް 2018 ވަނަ އަހަރުގެ ނިޔަލަށް އެތުލީޓުން ތަމްރީން ކުރުމަށް އެހީތެރިކަން ލިބޭނީ ކޮމަންވެލްތު ގޭމްސް އާއި ކޮމަންވެލްތު ޔޫތު ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގެ ބަޖެޓުގެ ތެރެއިންނެވެ. ކޮމަންވެލްތުން ވަކިވުމާ އެކު ކުރިއަށް އޮތް ދެ އަހަރަށް ލިބެން އޮތް އެހީގެ ތެރެއިން ތިން ބައިކުޅަ ދެ ބައި އެހީ ކެނޑިގެންދާނެ އެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވިއިރު އޮލިމްޕިކް ކޮމިޓީން ވަނީ މުޅިން އާ އެތުލީޓުންނަށް ފުރުސަތުތައް ހޯދައިފަ އެވެ. އޭގެ ތެރޭގައި ޒުވާން ދެ ޓެނިސް ކުޅުންތެރިން ކަމަށްވާ އަޔާނީ މޫސާ ކަލީމާއި އަބްދުﷲ ފާއިހް ފަޒީލާއި ކްރިކެޓް ކުޅުންތެރިޔާ ހަސަން އިބްރާހީމާއި ދުވުންތެރިން ކަމަށްވާ އަހުމަދު ޝަރަފާއި ހުސެއިން ފަޒީލް ހާރޫނަށް ހަމަޖެހިފައިވާ ސްކޮލަޝިޕްތައް ހިމެނެ އެވެ. މީގެ އިތުރުން ނެޓްބޯޅަ އާއި ސްވިމިން ޓީމަށް ބޭރުގެ ކޯޗުން ވަނީ ހަމަޖެހިފަ އެވެ.
ގައުމީ އެތުލެޓިކްސް މުބާރާތުގައި ފަޒީލް ދުވަނީ: އޭނާ އަށް ވަނީ ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުން ތަމްރީން ސްކޮލަޝިޕެއް ހަމަޖެހިފައި. –ފޮޓޯ: ނިޝާން އަލީ/ މިހާރު

އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި 2018 ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އަށް އަމާޒުކޮށް އޮލިމްޕިކް ކޮމިޓީން މިހާރު ވެސް ތަމްރީނަށް ފޮނުވާފައިވާ އެއް އެތުލީޓަކީ މެރެތަން ދުވުންތެރިޔާ ޝަރަފެވެ. އޭނާގެ އިތުރުން އުއްމީދީ ފެތުންތެރިޔާ ނިޝްވާން އިބްރާހީމްގެ ސްކޮލަޝިޕް ވެސް ކުރިއަށް އޮތް ދެ އަހަރަށް ހަމަޖައްސައިދޭ ގޮތަށް އޮތީ ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުންނެވެ.

ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އެތުލީޓުން މެޑަލް ހޯދަން ފަށައި، އެހެން ހަރުފަތަކަށް އެރުމަށް އަމާޒު ކަނޑައަޅާފައިވާ ދަނޑިވަޅެއްގައި އެކަމަށް ލިބިފައި އޮތް އެންމެ ރަނގަޅު ޕްލެޓްފޯމުން ފުރުސަތު ގެއްލުމަކީ ހަގީގަތުގައި އެތުލީޓުންނަށް ލިބޭނެ ބޮޑު މާޔޫސްކަމެކެވެ.