އިސްލާމީ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރު ދުވުމުން ފައިނަލުގައި، ރާއްޖޭގެ އެއް ވަނަ ދުވުންތެރިޔާ ހަސަން ސާއިދު ހަތަރު ވަނަ ހޯދައިފިއެވެ.
މި އިވެންޓައްފަހު ސާއިދު ވަނީ ދުނިޔޭގެ އިސްލާމީ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ އޯގަނަގައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުގެ މެމްބަރު 57 ގައުމުގެ 1.6 ބިލިއަން އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހުރި ހަތަރު ވަނަ އަށް އެންމެ ބާރު ދުވުންތެރިޔާ ކަމުގައި ވެފައެވެ. މި މަގާމާ އެކު ސާއިދު ވެފައިވަނީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ތާރީހުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދި ދިވެހި އެތުލީޓަށެވެ.
ފައިނަލުގައި އެއް ވަނަ ހޯދީ 10:06 ސިކުންތުން ދުވި ތުރުކީގެ ގުލިއޭވް ރަމީލެވެ. ރިހި މެޑަލް ހޯދާފައިވަނީ ބަހުރޭނުގެ ފިޝާ އަންދްރޭ 10:16 ސިކުންތުން ދުވެގެނެވެ. އަދި ލޯ މެޑަލް ހާސިލްކުރީ 10:35 ސިކުންތުން ދުވި އޮމާނުގެ އަލް ހަރްތީ ބަރަކާތެވެ.
ސާއިދު ފައިނަލުން ފުރުސަތު ހޯދީ، ތިން ހީޓުގެ ތިން ވަނަ އަށް ދިޔަ ދުވުންތެރިންގެ ތެރެއިން އެންމެ ދުވެލި ބާރު ދެ ދުވުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ. ނަމަވެސް ސެމީ ފައިނަލުން ފުރުސަތު ހޯދީ ހީޓުގެ އެއް ވަނަ ހޯދައިގެންނެވެ.
މުބާރާތުގެ އެތުލެޓިކްސްގެ 5000 މީޓަރު ދުވުމުގެ ފައިނަލުގައި ރޭ ރާއްޖޭގެ ހުސެއިން ފަޒީލާއި ޒައިދު ޝަރީފް ވަނީ ވާދަކޮށްފަ އެވެ. ދެ ދުވުންތެރިންގެ ވެސް ފުރަތަމަ ބައިނަލްއަގްވާމީ އިވެންޓުގައި ވަނީ ޕާސަނަލް ބެސްޓް އާކޮށްފަ އެވެ. އެގޮތުން ފަޒީލް 15 މިނެޓު 36:96 ސިކުންތުން ރޭސް ނިންމިއިރު ޒައިދު ރޭސް ނިންމާފައިވަނީ 16 މިނެޓު 21:40 ސިކުންތުންނެވެ.
ރާއްޖޭގެ ކުޅިވަރު ތާރީހު ދުށް އެންމެ ކާމިޔާބު އެއް އެތުލީޓް ސާއިދުގެ ވަނީ މިދިޔަ އަހަރުގެ ރިއޯ އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރުގެ އެއް ވަނަ ހޯދައި، އެ ޝަރަފް ހޯދި ފުރަތަމަ ދިވެހި ދުވުންތެރިޔާއަށް ވެސް ވެފައެވެ.